Skip to main content

ޕާޓީގެ ތާރީޙް

އޮކްޓޯބަރ 27, 2011

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ވުޖޫދަށް އައުން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުފެދުނީ 27 އޮކްޓޯބަރ 2011ގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ މޭސްތިރިކަމުގެ ދަށުންނެވެ. މި ޕާޓީ އުފެދުނުތާ ހަތަރުމަސް ދުވަހުގެ ތެރޭގައިވަނީ ރާއްޖޭގައި ވެރިކަންކުރާ ކޯލިޝަނާ ގުޅުމުގެ ފަޚުރު ޙާސިލްކޮށްފައެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ޒަޢާމަތުގައި (2012-2013) އަށް މިޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިޔާއެވެ. 2013ވަނަ އަހަރުގެ ނޮވެމްބަރުމަހު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ވާދަކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ 5 އަހަރު ވެގެންދިޔައީ މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑެތި ބަދަލުތަކެއް ގެނައި، އިޤްތިޞާދީ ގޮތުން ރާއްޖެ ނުދެކޭފަދަ ޒަމާނަކަށް ރާއްޖެ ވާސިލްވި އަދި ރައްޔިތުންނަށް ލާބައާއި މަންފާ ލިބިގެންދިޔަ 5 އަހަރު ކަމުގައެވެ. ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ޕީޕީއެމްގެ ގޮނޑީގެ ޢަދަދަކީ 6އެކެވެ. ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ހިންގަވަނީ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމެވެ. މެމްބަރުން ޢަދަދަށް ބަލާއިރު ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ މިވަގުތު ޕީޕީއެމްއެވެ. ނަމަވެސް ޕާޓީ އުފެދުނީއްސުރެ ސަޕޯޓަރުން އެންމެ ގިނަ ޕާޓީއަކީ އަދިވެސް ޕީޕީއެމްއެވެ. ޕީޕީއެމްގެ ޙަޔާތުން ހޭދަވި 11 އަހަރުގެ ތެރޭގައި ގިނަ އިންތިޚާބުތަކެއް ކާމިޔާބު ކޮށްފައިވެއެވެ.

 

މާރޗް 22, 2014

2014ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކާމިޔާބީ

2014ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމުން 33 ގޮނޑިއާއެކު ބޮޑު ކާމިޔާބީއެއް ހޯދިއެވެ. މަޖިލިސްގެ ނިމިދިޔަ 5 އަހަރުގެ ދައުރުގެ ރައީސްކަން ކުރެއްވީ ޕީޕީއެމްއިން އިންތިޚާބުވެވަޑައިގެންނެވި ޢަބްދުﷲ މަސީޙް މުޙައްމަދެވެ. ޕީޕީއެމްގެ ލީޑަރޝިޕާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޙަވާލުވެވަޑައިގެންނެވީ 2017ވަނަ އަހަރުއެވެ. އޭގެ ކުރިން، 2013 ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ހުންނެވީ ޕާޓީގެ ސްޕެޝަލް އެޑްވައިޒަރގެ މަޤާމްގައެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީ ކާމިޔާބު ކުރުމުން މިހާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތީ ޕީޕީއެމްއެވެ.

ފެބްރުއަރީ 2, 2019

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެއްބަސްވުން

2 ފެބްރުއަރީ 2019 ވަނަ ދުވަހު ޕީޕީއެމްއިން ޕާޓީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވާ، އަދި ޕީއެންސީއިން ޕާޓީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިސްވެ ހުންނަވާވަނީ ސިޔާސީ ގޮތުން ހުރިހާ ކަމެއްގައި އެއްބާރުލުން ދިނުމާބެހޭގޮތުން ރަސްމީގޮތުން ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ދެޕާޓީގެ ޕާލިމެންޓްރީ ގްރޫޕް އެއްކޮށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕް އުފައްދާ، ދެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ޖޮއިންޓް ކޯލިޝަންގެ ލިޑަރާ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހަމަޖައްސަވާފައެވެ. ކޯލިޝަން އެއްބަސްވުމުގެ ދަށުން ރައީސް ޔާމީން އިސްކޮށް ލީޑަރެއްގެ ގޮތުގައި ހުންނަވާ އަދި ޢަބްދުއްރަޙީމް ޢަބްދުﷲ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނަވާ  ދެޕާޓީގެ ރައީސުންނާއި ނައިބުރައީސުން އެކުގައި ލީޑަރޝިޕް ގްރޫޕެއް އުފައްދަވާ، ސިޔާސީ ގޮތުން ސްޓްރެޓެޖީތައް ކަނޑައެޅުމާއި ކަންކަން ނިންމުމުގައި އެކުގައި މަސައްކަތް ކުރުމަށް ނިންމާފައިވެއެވެ. ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެފައިވަނީ ދެނަމެއްގައި ދެޕާޓީ ހިންގަމުން ދިޔަ ކަމުގައިވިޔަސް މިއީ އެއް ފިކުރަކަށް އަދި އެއް އަމާޒަކަށް މަސައްކަތް ކުރާ ދެ ޕާޓީ ކަމުގައެވެ.  އަދި ދެ ޕާޓީވެސް މަސައްކަތް ކުރާނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވީ ދެ ޕާޓީގެވެސް މައިގަނޑު އަމާޒަކީ ޤައުމިއްޔަތުގެ ހަމަތަކާއި، މިނިވަންކަމާއި އިސްތިޤްލާލާއި، އިސްލާމީ ޢަޤީދާއާއި، ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ކުރިއެރުވުމަށް ކަނޑައެޅިފައިވާ އަސާސްތައް ދެމެހެއްޓުމަށް ކަމަށެވެ.

މެއި 28, 2019

2019 ގެ މަޖިލިސް އިންތިޚާބު ޕީއެންސީއިން ހޯދި ކާމިޔާބީ

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ރަޖިސްޓްރީ ވުމާއެކު އެންމެ އިސްކަމެއް ދިނީ 2019 ގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށެވެ. އެގޮތުން ޕީއެންސީންވަނީ 3 ގޮނޑި ކާމިޔާބުކޮށްފައެވެ. އެ 3 ބޭފުޅުންނަކީވެސް އަލަށް ރައްޔިތުންގެ މަޖިލިސްއަށް ހޮވިވަޑައިގެންނެވި ބޭފުޅުންނެވެ. ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި އަލްފާޟިލް މުޙައްމަދު ސަޢީދު، އަލްފާޟިލް މުޙައްމަދު ޙުސެއިން ޝަރީފް، އަލްފާޟިލް އިބްރާހީމް ޝުޖާޢު، އަލްފާޟިލް މުޙައްމަދު ނިމާލް އިންތިޚާބުކުރެވުނެވެ. އަދި އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ކަނޑައެޅުނެވެ.

އޮކްޓޯބަރ 25, 2019

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ވުޖޫދަށް އައުން

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ތަޞައްވުރާއި ހަމަތަކުގެ ތެރެއިން ހިތްވަރު ލިބިގެން 2019 ވަނަ އަހަރު ވުޖޫދުކުރެވުނު ޕާޓީއެކެވެ. ޕީއެންސީގެ ފައުންޑަރ އަދި ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަދި ޕީޕީއެމްގެ ކުރީގެ ނައިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ޕީއެންސީ އުފެއްދުމަށްޓަކައި ޕީޕީއެމްގެ ތިއްބެވި އިސް ބޭފުޅުންގެ ތެރެއިން ކުރީގެ އިކޮނިމިކް މިނިސްޓަރ މުޙައްމަދު ސަޢީދު، ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސެއިން ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާޢު، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް މިޕާޓީއާ ގުޅިވަޑައިގެންނެވިއެވެ. ޕީއެންސީ ރަސްމީ ގޮތުން ރަޖިސްޓްރީ ވުމާއެކުވަނީ ޕީޕީއެމްއާއެކު ކޯލިޝަން އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. އަދި ދެޕާޓީ އެކުގައި މަސައްކަތް ކުރަމުންދަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގޮތުގައެވެ. މެމްބަރުންގެ ޢަދަދަށް ބަލާއިރު ޕީއެންސީއަކީ ރާއްޖޭގައި ހަތަރުވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.